ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން މިއަދު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު ފާސްކުރައްވައިފިއެވެ. މިބިލަށް ހުށަހެޅުނު ޖުމުލަ 27 އިޞްލާޙުގެ ތެރެއިން ފާސްވެފައިވަނީ 2 އިޞްލާޙެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ އޮފިސަރުންގެ މަޤާމުތަކުގެ ތެރޭގައި ހިމެނޭ ކައުންސެލް ޖެނެރަލް ގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސ.ހިތަދު ކޯޒީރައުންޑް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީގެ ނަންފުޅު ވަނީ މަޖިލީހުން ފާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅުއްވަންޖެހޭ މުދަލާއި ފައިސާގެ ބަޔާން ހާމަކުރާ ލިޔުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ސުލޫކު ކޮމިޓީން ތައްޔާރުކުރައްވާ ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓް މަޖިލީހުން ރިޔާތްކުރެއްވުމުގެ މަސައްކަތާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ ބަހުސްގެ މަރުޙަލާވެސް މިއަދުގެ ޖަލްސާގައިވަނީ ކުރިއަށް ގެންދަވާފައެވެ.

75 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމުއެވެ.