މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި ތިން މައްސަލައެއް ބައްލަވައިފިއެވެ.
މިއަދު ކޮމިޓީން ބެއްލެވި ފުރަތަމަ މައްސަލައަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2013) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާތީ، މި މައްސަލައާއި ގުޅިގެން ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމްއާ ބައްދަލުކުރައްވާ ކޮމިޓީން ވަނީ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި މި މައްސަލައަށް ވަކި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދެވަނައަށް އެޖެންޑާ ކުރެވި ކުރިއަށްގެންދެވި މައްސަލައަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުން އެ ބޯޑަށް ޢައްޔަނުކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު، އެ އޮތޯރިޓީގެ ބޯޑުގައި ދެމިތިބޭނެ މުއްދަތު އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ، އެ މެންބަރުން ދެމިތިބޭނެ މުއްދަތު ސާފުކޮށްދެއްވުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ފޮނުވާފައިވާ މައްސަލައެވެ. އެގޮތުން އެލް.ޖީ.އޭގެ ބޯޑުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުން އެ ބޯޑަށް ޢައްޔަނުކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ މުއްދަތަކީ 3 އަހަރުކަމަށް އެލް.ޖީ.އޭއަށް އެންގެވުމަށް ކޮމިޓީން ނިންމެވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދެން ކުރިއަށްގެންދެވީ 08 އޯގަސްޓް 2014 އިން ފެށިގެން މިނިވަން ނޫހުގެ ރިޕޯޓަރ އަޙްމަދު ރިޟުވާނު ޢަބްދުﷲ ގެއްލިފައިވާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި 18 އޯގަސްޓް 2014 ގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ މައްސަލައާއި މެދު މަޝްވަރާ ކުރެއްވުމެވެ.
އެގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން 9 މެންބަރުންގެ އިއްތިފާޤުން ނިންމެވީ، މި މައްސަލައާއި މެދު އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަދި މިނޫނަސް މި މައްސަލަ ތަޙްޤީޤު ކުރަމުންދާ ފަރާތްތަކުގެ ކަމާ ބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުވާން އެދި ދެންނެވުމަށެވެ.
މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ އިތުރުން ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު އުމަރު ޙުސައިން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު އަބްދުﷲ، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އަދި ހުޅު-ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ބަދަލުގައި ހެންވޭރު މެދު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަޑައިގެންނެވިއެވެ.