ޤައުމީ ތަރައްޤީގެ ކޮމިޓީގެ 7 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/29)  އަށް އިޞްލާޙް ގެނައުމުގެ ބިލު ދިރާސާ ކުރެއްވިއެވެ.

މި ބިލާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންއިން ހޯދުމަށް ކޮމިޓީން އެދިފައިވާ މަޢުލޫމާތު ލިބިފައިވާތީ، މި މަޢުލޫމާތުގެ އަލީގައި ބިލުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ.

މީގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވިއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން، ދިރާގު، އޫރިދޫ، އެމް.އެން.ޑީ.އެފް، ސިވިލް ސަރވިސް އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް މި ބިލާ މެދު ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް ބައިވެރިވެވަޑައިގެންނެވިއެވެ.

26 އޯގަސްޓް 2014