ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައަކީ ސާބިތުނުވާ މައްސަލައެއްކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އެ މައްސަލަ ނިންމި ނިންމުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް ހުށަހަޅާ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދުގެ މައްޗަށް ހުށަހެޅިފައިވާ، ސުލޫކީ މައްސަލައަކީ ސާބިތުނުވާ މައްސަލައެއްކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން އެ މައްސަލަ ނިންމި ނިންމުމަކީ ޖުޑީޝަރީއާމެދު އިތުބާރު އެއްކޮށް ނެތިކޮށްލިކަމެއް ކަމަށް ވިދާޅުވެ، އެކަން ހިނގައިދިޔަގޮތާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު ބަލައިގަތުމަށް ފާހެއްނުވިއެވެ.

މި ޤަރާރު ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 19 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 52 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މި ޤަރާރުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 16 ޖުލައި 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

މި ބިލަށް މިއަދުގެ ޖަލްސާގައި 9 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ށ. ފޯކައިދޫ ބަނދަރުހެދުމާ ގުޅޭގޮތުން ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

30 ޝައްވާލް 1435

26 އޮގަސްޓް 2014