ޞިއްޙީ ޚިދުމަތްދިނުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

DSC_6798ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ ޞިއްޙީ ޚިދުމަތްދިނުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

ޞިއްޙީ ޚިދުމަތްދިނުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 2 ޖުލައި 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި މި ބިލަށް 13 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ސަރުކާރު ފަރާތުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، ޞިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމާލައްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 9 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

އަދި ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާވެސް މިއަދު ކުރިއަށް ގެންދަވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރެއްވީ 1 މެންބަރެކެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 އޯގަސްޓް 2014 ވާ ބުދަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

23 ޝައްވާލް 1435

19 އޮގަސްޓް 2014