އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ކޮމިޓީއަށް ފޮނުއްވައިފި

DSC_6653މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/13) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާކަމަށް ފޮނުއްވާފައިވާ 5 ނަންފުޅަކީ ސ.ހިތަދޫ ރަންފަސް އަލްފާޟިލް ޙަސަން ލުޠުފީ، ގދ.ތިނަދޫ ގަޒީރާ އަލްއުސްތާޛް މުޢައްވިޒު ރަޝީދު، ނ.ހޮޅުދޫ ބޮޑުވަޅުދޮށުގެ އަލްފާޟިލާ އާމިނަތު މިންނާ، ގއ.ވިލިނގިލި ވައިޖެހޭގެ އަލްފާޟިލް ޔަޒުމީދު މުޙައްމަދު އަދި ދގ.ވާދޫ ސަދަންވިލާ އަލްފާޟިލް ޞަފްވަތު މުޙައްމަދު އެވެ. މިނަންފުޅުތަކުގެ އިތުރުން ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅުތައްވެސް ފޮނުއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ބިނާކުރެވިފައިވާ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރާއި ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

23 ޝައްވާލް 1435

19 އޮގަސްޓް 2014