ޤައުމީ ސަލާމަތުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަތަރު ބިލެއް ދިރާސާކުރެއްވައި ނިންމަވައިފި

DSC_6380މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި،  ހަތަރު ބިލެއް ދިރާސާކުރައްވައި ނިންމަވައިފިއެވެ.

މިގޮތުން، 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ޤާނޫނު (ޤާނޫނު ނަންބަރު 78\5) އުވާލުމުގެ ބިލާއި ފުލުހުންގެ ޤާނޫނަށް (2008\5) އިޞްލާހުގެނައުމުގެ ބިލު ވަނީ ކޮމިޓީއަށް ބިލު ހުށަހެޅުއްވި ގޮތަށް ކޮމިޓީގެ  ޢިއްތިފާޤުން ފާސްކުރައްވާފައެވެ.

މީގެ އިތުރުން، މިއަދުގެ ބައްދަލުވުމުގައި ބައެއް ޤާނޫނުތައް އިޞްލާޙުކުރުމުގެ ބިލު ދިރާސާކުރައްވާ  ކޮމިޓީގެ ޢިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. އަދި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު  2007\1)  އަށް އިޞްލާޙު ގެނައުމުގެ  ބިލަށްވެސް އިޞްލާޙު ގެންނަވާ ބިލުގެ މަސައްކަތް އެއްކޮށް ނިންމަވާފަވެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ އިތުރުން ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު އުމަރު ޙުސައިން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދުދީދީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު އަދި ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ވަޑައިގެންނެވިއެވެ.

22 ޝައްވާލު 1435

18 އޮގަސްޓް 2014