ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން، މިއަދު ތިން ބައްދަލުވުމެއް ބޭއްވުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގެ ބައެއް މާއްދާތަކަށް އިޞްލާޙު ގެންނަވައި ބިލު އެއްކޮށް ކޮމިޓީން ބައްލަވައި ނިންމަވައިފިއެވެ.
މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީން، ބިލާއި ގުޅޭ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޚިޔާލު ހޯއްދަވާފައިވެއެވެ.އަދި މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ކޮމިޓީއަށް ބިލާގުޅޭ ގޮތުން މަޢުލޫމާތު ޚިއްޞާކުރައްވާފައިވެއެވެ.
މިބިލު ދިރާސާކުރެއްވުމަށްޓަކައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައިވަނީ 14 ޖުލައި 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ.
މިއަދު ފުރަތަމަ ބޭއްވުނު ދެބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން ނައިބު މުޤައްރިރު މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު،މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވަޑައިގެންނެވިއެވެ.
އަދި، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއިރު ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން ނައިބު މުޤައްރިރު މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު،މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވަޑައިގެންނެވިއެވެ.