މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ 2 ގެ 4 ބައްދަލުވުން ބާއްވައިފި

ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފައިސާ ދޫކުރާނެ އުސޫލު ކަނޑައަޅާ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ހޮއްވެވި 5 މެންބަރުންގެ ސަބް-ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުމުގައި 2014 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގެ ރިކޮމެންޑޭޝަންސްގެ ތެރޭގައި ހިމެނޭ، ކްލަބް ޖަމްއިއްޔާތަކުގެ ޙަރަކާތްތައް އިތުރުކޮށް، ހިންގުން ހަރުދަނާކުރުމަށް އެހީވެދިނުމަށް ކަނޑައަޅުއްވާފައިވާ 15,000,000 (ފަނަރަ މިލިއަން) ރުފިޔާ ޖަމްއިއްޔާތަކައް ދިނުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ކަނޑައަޅުއްވާފައިވާ އުޞޫލާއިމެދު އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގެ ކަމާބެހޭ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލްފާޟިލް ޔޫސުފު ޢަބްދުލްޣަފޫރު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ޝަހީބާއި، އެ މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އާދަމްއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު މާހިދު ޝަރީފް އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަލީ ޒަކީއެވެ.

މިއަދު ބޭއްވުނު ސަބް-ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ސަބް-ކޮމިޓީގެ މުޤައްރިރު ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު އަދި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދުއެވެ.