ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 3 ބޭފުޅެއް އެކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު 26 ޖުލައި 2014 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ފުލުހުންގެ ޤާނޫނު )ޤާނޫނު ނަންބަރު 2008/5( ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ފޮނުއްވާފައިވާ 3 ބޭފުޅުން، އެކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާ 3 ބޭފުޅުންނަކީ ދަފްތަރު ނަންބަރު ދރ 1320 އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފް އާއިި ސ.މީދޫ ހަސަންކާރިގެ އަލްފާޟިލް މުޙައްމަދު ފަރުހާދު  އަދި ހ.ގްލޯރިއޯސާ އަލްއުސްތާޛް ޢަލީ ނަދީމް އެވެ.

ދަފްތަރު ނަންބަރު ދރ 1320 އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފްގެ އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 73 މެންބަރުންގެ އިއްތިފާޤުންނެވެ.

ސ.މީދޫ ހަސަންކާރިގެ އަލްފާޟިލް މުޙައްމަދު ފަރުހާދު އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް 56 މެންބަރުން ވޯޓް ދެއްވާފައިވާއިރު އައްޔަނުކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ހ.ގްލޯރިއޯސާ އަލްއުސްތާޛް ޢަލީ ނަދީމް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 73 މެންބަރުންގެ އިއްތިފާޤުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ރިޕޯޓަށް 1 މެންބަރަކު ބަހުސް ކުރައްވާފައިވެއެވެ.

16 ޝައްވާލް 1435

12 އޮގަސްޓް 2014