ކުޑަކުދިންގެ ހައްޤުތައް ރަކާތެރިކުރުމާ ބެހޭ ޤާނޫނު (9/91) އިސްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް އިޖްތިމާޢީ ކޮމިޓީން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު (9/91) އަށް އިސްލާޙް ގެނައުމުގެ ބިލް ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މި ބިލާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯއްދެވުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ބޭފުޅުންނާ ކޮމިޓީން ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.

ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވިއެވެ.

15 ޝައްވާލް 1435

11 އޮގަސްޓް 2014