“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕާރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” (ސަޕްލިމެންޓިންގ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުއްވައިފި

_CHR9669މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕާރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” (ސަޕްލިމެންޓިންގ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، އަލުން ދިރާސާކުރެއްވުމަށް އަނބުރާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިމައްސަލަ ކޮމިޓީއަށް އަލުން ފޮނުއްވުމަށް ނިންމެވީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވައި މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން ތާޢީދުކުރެއްވި ހުށަހެޅުން ފާސްކުރެއްވުމާގުޅިގެންނެވެ. މި ހުށަހެޅުން ފާސްކުރައްވާފައިވަނީ 70 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 4 މެންބަރުންނެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އެވެ. މިރިޕޯޓަށް މިއަދު ޖުމްލަ 2 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މިމައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެންމެ ފުރަތަމަ ފޮނުވިފައިވަނީ 1 ޖުލައި 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވާފައިވެއެވެ. މި ރިޕޯޓް ހުށަހަޅުއްވައި ދެއްވީ އެކޮމިޓީގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 އޯގަސްޓް 2014 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

15 ޝައްވާލް 1435

11 އޮގަސްޓް 2014