މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީ އަށް ފޮނުއްވައިފި

_CHR3476

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާ މެދުކަނޑާލެއްވުމަށްފަހު ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން މިއަދުގެ ކޮމިޓީގެ ޖަލްސާގައި މެންބަރުން ބަހުސްކުރެއްވީ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކާ ގުޅޭގޮތުންނެވެ. އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމުމުގެ ސުންގަޑިއަކީ 22 އޮގަސްޓް 2014 ގައިކަމަށް ކަނޑައަޅުއްވައި އެ ބިލު ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ލ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. އެ އިޞްލާޙަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ވިއްކާ ފްލެޓާއި ގޯއްޗާއި ޢިމާރާތްތައް ޖީ.އެސް.ޓީ. ނެގުމުން އިސްތިސްނާކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ. މިގޮތުން މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

މީގެއިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި، ފާސްކުރައްވާފައިވާ މުޅި މަޖިލިސް އެކުގައި ކޮމިޓީއަށް ދިއުމުން ކޮމިޓީގެ މަސައްކަތް ގެންދާނެގޮތުގެ ގަވާއިދު މި މަޖިލީހުން ބަލައިގަނެ، އެގަވާއިދާ އެއްގޮތަށް މި މަޖިލިސް އެކުގައި ކޮމިޓީއަށްދާ ޙާލަތްތަކުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 އޮގަސްޓް 2014 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

10 ޝައްވާލު 1435

6 އޮގަސްޓު 2014