7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު އުވާލުމުގެ ބިލު މަޖިލީހުން ބަލައިގެންފި

_CHR9669މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު (ޤާނޫނު ނަންބަރު 78/5) އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މި ބިލު ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

މިބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މި ބިލު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމަށްޓަކައެވެ.

9 ޝައްވާލު 1435

5 އޯގަސްޓު 2014