ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

_CHR2890މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/1) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 45 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 6 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ. މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 34 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

9 ޝައްވާލު 1435

5 އޯގަސްޓު 2014