އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

_CHR2318މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، އޮޑިޓް ޤާނޫނު (ޤާނޫނު ނަންބަރު 2007/4) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 55 މެންބަރުންނެވެ. އަދި 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށް ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.

މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 5 މެންބަރުން ބަހުސްކުރައްވާފައިވެއެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.

މީގެއިތުރުން ނުނިމިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/1) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް  ޖުމްލަ 34 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

8 ޝައްވާލު 1435

4 އޯގަސްޓު 2014