ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

_CHR4680ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށަހެޅުއްވި މި ކުއްލި މައްސަލައަކީ މިފަހަކަށް އައިސް ރާއްޖޭގައި، އަދި ޚާއްޞަގޮތެއްގައި މާލޭގައި ކުއްލި ސިހުންލިބޭ ވަރަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި މާރާމާރިތައް ހިންގުން ކުއްލިއަކަށް އިތުރުވެ، އަދި އެފަދަ ވަޅި ހެރުމުގެ ޙާދިސާތަކުގެ ސަބަބުން މިހާތަނަށް 2 މީހަކު މަރުވެފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް ހުށަހެޅުނު ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް 54 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގައި މިކުއްލި މައްސަލައަށް ޖުމްލަ 17 މެންބަރުން ބަހުސްކުރައްވާފައިވެއެވެ. ހެނދުނުގެ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު އެވެ.

މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުއާ ސުވާލުކުރެއްވުމުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

8 ޝައްވާލު 1435

4 އޯގަސްޓު 2014