ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފުދެއް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR0248

މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ، ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ، ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރެއްވުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ، އެބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ރާއްޖެއާއި ޖަޕާނާއި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން ފާހަގަކުރައްވައި، މިދަތުރުފުޅުގެ ސބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.

ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އިތުރަށް އަލިއަޅުވާލައްވަމުން މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަކީ ދިވެހިރާއްޖެއަށް ގިނަގުނަ ބޮޑެތި އެހީތަކެއް ވެދެއްވަމުން ގެންދަވާ ޤައުމެއްކަމަށް ވިދާޅުވިއެވެ. މިގޮތުން ޢުމްރާނީ ތަރައްޤީއާއި ތަޢުލީމީ ދާއިރާއާއި މުވާސަލާތީ ދާއިރާއަށް ދެއްވާފައިވާ އެހީތަކާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަންނަ ކާރިސާތަކުން ރައްކާތެރިވުމަށް ދެއްވާފައިވާ ބޮޑެތި އެހީތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެރައްޔިތުންގެ ނަމުގައި، ޖަޕާނުގެ އެކުވެރި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ ރައީސް މަސަހިކޯ ކޮމޫރާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް ބައްލަވާލައްވަމުން، 2011 މާޗުގައި ޖަޕާނަށް ކުރިމަތިވި ބިންހެލުމާއި ސުނާމީގެ ކާރިސާއާގުޅިގެން ރާއްޖެއިން ޖަޕާނުގެ ރައްޔިތުންނަށް ވެދެއްވި އެހީ ފާހަގަކުރައްވައި، ދިވެހިރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، އޮނަރަބަލް ކޮމޫރާގެ ވާހަކަފުޅުގައި، މިއަހަރު އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަޕާނަށް ކުރެއްވި ކާމިޔާބު ރަސްމީދަތުރުފުޅުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރި ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ މަތީފެންވަރުގެ ވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ، އެލީގުގެ ރައީސް މަސަހިކޯ ކޮމޫރާއެވެ. އޮނަރަބަލް ކޮމޫރާއަކީ މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (LDP) ގެ ވައިސް ޕްރެޒިޑެންޓެވެ. މިވަފުދުގައި، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ކޭޒޯ އޮބޫޗީގެ ދަރިކަނބަލުން ޔޫކޯ އޮބޫޗީ އާއި ޖަޕާނުގެ ޤާނޫނުހަދާމަޖިލީހުގެ އިތުރު 4 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.