ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ކަމަށް ފާސްކުރައްވައިފި

_CHR6567މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10(ގެ 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ކަމަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 29 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މި ނަންފުޅަކީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވައި ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ތާއީދުކުރެއްވި ނަންފުޅެވެ.

23 ޖުލައި 2014