ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަލަައިގެންފިއެވެ.

މި ބިލު ބަލައިގެންފައިވަނީ 81 މެންބަރުންގެ އިއްތިފާޤުންނެވެ. މިބިލު ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށް ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވިފައެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 11 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 6 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/29) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 1 މެންބަރަކު ބަހުސްކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 ޖުލައި 2014 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

23 ރަމަޟާން 1435

21 ޖުލައި 2014