ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް އިތުރުކޮށް، ހިންގުން ހަރުދަނާކުރުމަށް އެހީވެދިނުމަށް، މިއަހަރު ކަނޑައަޅުއްވާފައިވާ ފަނަރަ މިލިއަން ރުފިޔާގެ ބަޖެޓަށް ފައިސާ ދޫކުރުމަށް އުސޫލުތަކެއް ކަނޑައަޅާ ދިރާސާކުރެއްވުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް ހޮއްވަވައިފި

_CHR6368މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، 2014 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބަޖެޓްގައި ކްލަބް ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް އިތުރުކޮށް، ހިންގުން ހަރުދަނާކުރުމަށް އެހީވެދިނުމަށް، ކަނޑައަޅުއްވާފައިވާ 15,000,000 (ފަނަރަ މިލިއަން) ރުފިޔާގެ ބަޖެޓަށް ފައިސާ ދޫކުރުމަށް އުސޫލުތަކެއް ކަނޑައަޅާ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވިއެވެ.

އެގޮތުން މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް، ސަބް ކޮމިޓީއަކަށް ފޮނުވުމަށް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެއްވިއެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕީ.ޕީ.އެމްގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އަދި ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އެމް.ޑީ.ޕީ ގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ޖޭޕީ ގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު އަދި އެމް.ޑީ.އޭ ގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަޑައިގެންނެވިއެވެ.

21 ޖުލައި 2014