މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ހުށަހަޅުއްވާފައިވާ ފަރާތައް ރުޙުން ދިނުމަށް ފެންނަކަމަށް ނިންމަވައިފި

_CHR6349މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާ، ގ. މަނާމް / ޑރ. މަރިޔަމް ޝަކީލާގެ ނަންފުޅު ދިރާސާކުރެއްވުމަށްފަހު، ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ، އެވަގުތު ކޮމިޓީއަށް ޙާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަކަމަށް ވޯޓުދެއްވި މެންބަރުންނާއި ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވި މެންބަރުންންގެ އަދަދު އެއްވަރުވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 127 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތީން ކޮމިޓީގެ މުޤައްރިރު ވޯޓުދެއްވައިގެންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އަދި ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަޑައިގެންނެވިއެވެ.

21 ޖުލައި 2014