ޤައުމީ ސަލާމަތުގެ ކޮމިޓީގެ 4 ވަނަ ބައްދަލުވުން ބާއްވައިފި

_CHR5767މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ސިންގަޕޫރު، ބަންގްލަދޭޝް، ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ސްޓޭޓް އޮފް ކުވެއިތް، އަދި ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަންއަށް ސަފީރުން ކަނޑައެޅުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނަން-ރެސިޑަންޓް ހައި ކޮމިޝަނަރުކަމަށް ގ. ވައިޖެހޭގެއާގެ ޑރ. މުޙަންމަދު އާސިމް، ޔުނައިޓެޑް އެރަބް އެމިރޭޓްސްއާއި ސްޓޭޓް އޮފް ކުވެއިތް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނަން-ރެސިޑެންޓް އެމްބެސެޑަރުކަމަށް މ. ކްރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދު، އަދި ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ސަމަންތާ އަލްފާޟިލް އަހުމަދު ޝިޢާން ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅަށް ކޮމިޓީން ތާޢީދުކުރައްވާ ކަމަށް ނިންމާ، މަޖިލީހުގެ ތަޅުމަށް ފޮނުއްވިއެވެ.

މި ތިން ނަން މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ރުހުންދެއްވުމަށާ، އަދި ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ މއ. ރެސްޓިންގ ހައުސް އަލްފާޟިލް ފާތިމަތު ޢިނާޔާ ކޮމިޓީއަށް މިރޭ ހާޒިރުކުރައްވާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ހުޅު ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުއެވެ. މި ހުށަހެޅުމަށް ތާޢީދުކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގެ އިއްތިފާޤުންނެވެ.

މއ. ރެސްޓިންގ ހައުސް އަލްފާޟިލް ފާތިމަތު ޢިނާޔާއާ ކޮމިޓީން ސުވާލުކުރުމުގެ ގޮތުން މިރޭ 10:00 ގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންނަކީ، ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޡްމާން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙުމަދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ހުޅު ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ދީދީ އެވެ.

16 ޖުލައި 2014