އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ފާހެއްނުވި

_CHR4638ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރައްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ކުރިއަށް ގެންދެވުނު މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާހެއްނުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި މި ކުއްލި މައްސަލައަކީ ރަމަޟާންމަހު އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހުރޫމްވެފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް ހުށަހެޅުނު ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް 27 މެންބަރުން ވޯޓް ދެއްވާފައިވާއިރު 29 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މީގެއިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަސީރުއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.

18 ރަމަޟާން 1435

16 ޖުލައި 2014