މެންބަރަކު ޕާޓީ ބަދަލު ކުރެއްވިކަން އިޢުލާން ކުރައްވައިފި

_CHR2162މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ ދަށުން އެއް މެންބަރަކު ކުރިން ހުންނެވި ޕާޓީ އިން ވަކިވެވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގަތުމާ ގުޅިގެން އެކަން މިއަދުގެ ޖަލްސާގައި ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

މިގޮތުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެން ޕީޕީއެމްއާއި ގުޅިވަޑައިގަތީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ އެވެ.

މިގޮތަށް އިޢުލާންކުރެއްވުމާއި ގުޅިގެން، މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ވެސް މިއަދު ރިޔާސަތުން އިޢުލާން ކުރެއްވިއެވެ. މިގޮތުން، މިހާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 43 އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 23 އެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 12 އެވެ. މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 5 އެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި އެއް މެންބަރަކު މިހާރު މަޖިލީހުގެ ދަފްތަރުގައި ރެޖިސްޓަރީ ކުރެވިފައިވެއެވެ.

17 ރަމަޟާން 1435

15 ޖުލައި 2014