ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފައްޓަވައިފި

_CHR3779މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި އެގްޒެކެޓިވް ބްރާންޗްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކާރުކޮޅުގެ ޚަރަދުގެ ތެރޭގައި ހިމެނޭ ޑްރައިވަރުގެ މުސާރައާއި ޕެޓްރޯލް ޚަރަދު އުނިކުރައްވާ އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ ތެރެއިން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދި 14 ޖޫން 2014 ގައި ރައިސޫލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމަށް، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 7 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.

14 ޖުލައި 2014