ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އިބްތިދާޢީ ބަހުސް ފައްޓަވައިފި

_CHR2231ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/29) އަށް އިޞްލާޙު ގެނައުމުގެ ބިލުއިބްތިދާޢީ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މިބިލަކީ އެ ޤާނޫނުގެ 10 ވަނަ މާއްދާ އުނިކުރަން ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ. އެ މާއްދާގައިވަނީ “މިޤާނޫނުގައިވާ ގޮތުގެމަތިން ސަރުކާރަށް ޚިދުމަތް ކުރަންޖެހޭ މީހުން، އެމީހަކު ޚިދުމަތް ކުރަންޖެހޭ މުއްދަތަށް ޚިދުމަތް ނުކޮށް، ނުވަތަ ފަރުވާކުޑަކޮށް ނުވަތަ މިނޫންވެސް މިބާވަތުގެ އެކަށީގެންނުވާ ޢަމަލު ހިންގާނަމަ، އެމީހަކު ސަރުކާރަށް ޚިދުމަތް ކުރަން ޖެހިފައިވާ މުއްދަތުން ބާކީ އޮންނަ ދުވަހަށް ގޭގައި ނުވަތަ ރަށުން ބޭރުގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.”

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައެވެ. މިއަދުގެ ޖަލްސާގައި ޖުމްލަ 15 މެންބަރުން މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދުއާ ކުރައްވާ ސުވާލުކުރެއްވުން ކުރިއަށް ގެންދަވާފައިވެއެވެ. މީގެއިތުރުން މިއަދުގެ ޖަލްސާގައިވެސް    ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް މިއަދު 9 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 ޖުލައި 2014 ވާ ހޯމަދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

09 ޖުލައި 2014