ޢާންމު ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

_CHR0014 މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ 17 ވަނަ މަޖިލީހުގައި އާންމު ކޮމިޓީން ބޭނުން ކުރެއްވި ގަވާއިދަށް އެއްވެސް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 20 ދުވަހުގެ ތެރޭގައި އިސްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު މެންބަރުންނަށް ދެއްވުމަށެވެ. މިގޮތުން އަންނަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި ކޮމިޓީގެ ބައްދަލުވުމުގައި އިސްލާޙު ހުށަހަޅުއްވާފައިވާނަމަ، އެދުވަހުގެ ބައްދަލުވުމުގައި ހިންގާ ގަވާއިދު ފާސްކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢާންމު ފާރާތްތަކުން ހުށަހަޅުއްވާފައިވާ ސިޓީތައް ފޮނުވާނެ މަޖިލީހުގެ ކޮމިޓީތައް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ.

 

 

02 ޖުލައި 2014