މެންބަރަކު ޕާޓީ ބަދަލު ކުރެއްވިކަން އިޢުލާން ކުރައްވައިފި

Nazimމިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ ދަށުން އެއް މެންބަރަކު ކުރިން ހުންނެވި ޕާޓީ އިން ވަކިވެވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގަތުމާ ގުޅިގެން އެކަން މިއަދުގެ ޖަލްސާގައި ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

މިގޮތުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެން ޕީޕީއެމްއާއި ގުޅިވަޑައިގަތީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.

މިގޮތަށް އިޢުލާންކުރެއްވުމާއި ގުޅިގެން، މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ވެސް މިއަދު ރިޔާސަތުން އިޢުލާން ކުރެއްވިއެވެ. މިގޮތުން، މިހާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 42 އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 23 އެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 13 އެވެ. މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 5 އެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި އެއް މެންބަރަކު މިހާރު މަޖިލީހުގެ ދަފްތަރުގައި ރެޖިސްޓަރކުރެވިފައިވެއެވެ.

04 ރަމަޟާން 1435
2 ޖުލައި 2014