ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުއްވުމަށްފަހު އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ބިލު މަޖިލީހުން މިއަދު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލު މަޖިލީހުން ފާސްކުރުމަށް ވޯޓަށް އެހުމުން އެބިލު މަޖިލީހުން ފާސްނުވުމާއި ގުޅިގެން މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާގެ (މ) ދަށުން ބިލު އިތުރަށް ފުރިހަމަ ކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުއްވުމަށްވަނީ މަޖިލީހުން ފާސްކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށްރަށް ކަނޑައެޅުމުގެ ބިލުވަނީ މަޖިލީހުން ފާސްކުރައްވާފައެވެ. މިބިލަށް 8 އިސްލާޙެއް ހުށަހެޅި ތާއިދު ލިބުނުނަމަވެސް އެއިސްލާޙުތަކަށް ވޯޓަށް އެހުމުން އޭގެން އެއްވެސް އިސްލާޙެއް ފާސްނުވެ، ކޮމެޓީން މަޖިލީހަށް ބިލު ފޮނުވިގޮތަށް ވަނީ ފާސްކުރައްވާފައެވެ. މިއަދު ފާސްކުރެވުނު މިބިލުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގަޔާއި، ވެރިކަންކުރާ ރަށް އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ސިޔާސަތުތަކާއި، އުސޫލުތަކާއި، ހަމަތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް  މަގުފަހިކޮށް، ދީމުޤްރާތީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުން ނިންމާ ނިންމުމެއްގެމަތިން ކަނޑައެޅޭކަމަކަށް ހެދުމެވެ.

ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ހުރިހާ މަރުޙަލާއެއްގައިވެސް އިޖްބާރީ ދެ މާއްދާގެ ގޮތުގައި ދިވެހިބަހާއި އިސްލާމްދީން ކިޔަވައިދިނުމަކީ ލާޒިމުކަމެއްކަމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަމެއް ކަމަށް ކަނޑައަޅައި އެ ގޮތަށް ފާސްކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒު ޖަމާލް ޢަބޫބަކުރު ހުށަހެޅި ޤަރާރުވަނީ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރައްވާ މަޖިލީހުގެ ގަވައިދުގެ ދަށުން އިތުރަށް ދިރާސާކުރުމަށް ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމުގެ އިތުރުން މިއަދުގެ ޖަލްސާއަށް ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތް ކުރެއްވުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.  

76 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމުއެވެ.