ސަފީރުކަމަށާއި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި 4 ނަންފުޅެއް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ސަފީރުކަމަށާއި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި 4 ނަންފުޅެއް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ބްރަސަލްސްގައި ހުންނަ، ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގ.ސަމަންތާ އަލްފާޟިލް އަޙްމަދު ޝިޢާން ގެ ނަންފުޅެވެ. އަދި ބްރަސަލްސްއަށް ކަނޑައަޅާ ސަފީރަކީ ލަންޑަން ހައިކޮމިޝަންގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްވެސް ހުށަހަޅުއްވާފައިވެއެވެ.

އަދި ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގ.ވައިޖެހޭގެއާގެ ޑޮކްޓަރ މުޙައްމަދު ޢާޞިމްގެ ނަންފުޅެވެ.

މީގެއިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި ސްޓޭޓް އޮފް ކުވައިތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މ.ކުރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދުގެ ނަންފުޅެވެ. އަދި ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މއ. ރެސްޓިންގހައުސް އަލްފާޟިލާ ފާޠިމަތު ޢިނާޔާގެ ނަންފުޅެވެ.

03 ރަމަޟާން 1435

1 ޖުލައި 2014