ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ހޮއްވެވި 5 މެންބަރުންގެ ވަގުތީ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި

28 މެއި 2014 ގައި އެކުލަވާލި ރައްޔިތުންގެ މަޖިލިހުގައި ބޭނުންކުރާނެ އެ މަޖިލިހުގެ ހިންގާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތްކުރުމަށް ހޮއްވެވި 5 މެންބަރުންގެ މައްޗަށް ހިމެނޭ ވަގުތީ ކޮމިޓީގެ ދެވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އުވިދިޔަ ރައްޔިތުންގެ މަޖިލީހުގައި ބޭނުންކުރި ގަވާއިދުގައި ހުރި ކަންކަމުގެ ތެރެއިން، ބަދަލުކުރަންޖެހޭ ކަމަށް ނުވަތަ އުނިކުރަންޖެހޭކަމަށް، ނުވަތަ އަލަށް އެކުލަވާލާ ގަވާއިދެއްގައި ބަދަލު އަންނަންޖެހޭނެ ކަމަށް، ނުވަތަ އެފަދަ ގަވާއިދެއްގައި ތަޢާރަފު ކުރަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމެއް އޮތްނަމަ އެކަމެއް، ނުވަތަ މި މަރުހަލާގައި އެ މަސައްކަތާ ގުޅޭގޮތުން ކޮމިޓީގެ އެހީއަކަށް ވެދާނެ އެނޫންވެސް ކަމެއް އޮތްނަމަ އެކަމެއް ކޮމިޓީއަށް އަންގައިދެއްވުމަށް އެދި ދެންނެވުނު ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އުސޫލަކާމެދު މަޝްވަރާކުރެވުނެވެ. އަދި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދިވަޑައިގަންނެވި ގޮތަށް، ގަވާއިދަށް އިޞްލާޙު ހުށަހެޅުއްވުމަށް ދެއްވާފައިވާ މުއްދަތު 10 ޖުލައި 2014 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެ ޕާޓީން އެދިވަޑައިގެންނެވި ގޮތަށް އެ ޕާޓީއަށް މުއްދަތު އިތުރުކޮށްދެއްވުމަށް ނިންމެވިއެވެ. މީގެއިތުރުން، ކޮމިޓީއަށް މިހާތަނަށް ލިބިފައިވާ އިޞްލާޙުތައް، މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށް ފޮނުއްވުމަށްވެސް ނިންމެވިއެވެ.

މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ނަޝީދު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދުދީދީ އެވެ.

27 ޝަޢުބާން 1435

25 ޖޫން 2014