ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނިންމަވާ، މަޖިލީހުގެ ތަޅުމަށް ފޮނުއްވައިފި

_CHR7458

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މިއަދު ބޭއްވުނު 12 ވަނަ ބައްދަލުވުމުގައި، ކޮމިޓީތަކަށް ޕާޓީތައް ބަހާލުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ހުށަހެޅި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 5 މެންބަރުންގެ ތެރެއިން 3 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެއެވެ. އެމް.ޑީ.ޕީގެ ހުށަހެޅުމަށް ތާޢީދު ދެއްވާފައިވަނީ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމް.ޑީ.އޭ) އިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.

މި ހުށަހެޅުމުގައި ހަމަޖެހިފައިވަނީ ޕީ.ޕީ.އެމް އަށް 4 ކޮމިޓީއަކުން 6 ގޮނޑި، އަދި 8 ކޮމިޓީއަކުން 5 ގޮންޑި، އެމް.ޑީ.ޕީ އަށް 1 ކޮމިޓީން 4 ގޮނޑި، އަދި 11 ކޮމިޓީއަކުން 3 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 8 ކޮމިޓީއަކުން 2 ގޮނޑި، އަދި 4 ކޮމިޓީއަކުން 1 ގޮނޑި، މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސްއަށް 8 ކޮމިޓީއަކުން 1 ގޮނޑި، އަދާލާތު ޕާޓީއަށް 2 ކޮމިޓީއަކުން 1 ގޮނޑި، އަދި މިނިވަން މެންބަރަށް 1 ކޮމިޓީން 1 ގޮނޑިއެވެ.

މިގޮތުން މާލިއްޔަތު ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަދަދު 13 އަށް އިތުރުކޮށް، ޕެޓިޝަން ކޮމިޓީ އާއި ސުލޫކު ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަދަދު 10 ގެ ގޮތުގައި މި ހުށަހެޅުމުގައި ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް 14 މެންބަރުން ހަމަޖެއްސުމަށްވެސް ކޮމިޓީގެ އަޣްލަބިއްޔަތުން ފާސްކުރިއެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ޕީ.ޕީ.އެމް އަށް 6 ގޮނޑި، އެމް.ޑީ.ޕީ އަށް 3 ގޮނޑި، ޖޭ.ޕީ އަށް 2 ގޮނޑި، އެމް.ޑީ.އޭ އަށް 1 ގޮނޑި، އަދާލަތު ޕާޓީއަށް 1 ގޮނޑި، އަދި މިނިވަން މެންބަރަށް 1 ގޮނޑި ވަނީ ހަމަޖެހިފައެވެ. މިގޮތަށް ހަމަޖެއްސެވުމަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ. އަދި ތާޢިދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއެވެ.

ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ، މި ފާސްކުރެއްވި ހުށަހެޅުންތައް ހިމަނައިގެން ކޮމިޓީ ރިޕޯޓް 14:00 ބާއްވަވާ މަޖިލިސް ބައްދަލުވުމަށް ފޮނުއްވާނެ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މުޤައްރިރު ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މަރަދޫ ދާއިރާގެ މެންބަރު ޢިބްރާޙީމް ޝަރީފް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްއެވެ.