ރައްޔިތުންގެ މަޖިލީހުގެ ރައީސް ޑިމޮކްރަސީ ކޭމްޕް 2014 ގައި ބައިވެރިވާ ކުދިންނާއި ބައްދަލުކުރައްވައިފި

_CHR5024ޑިމޮކްރަސީ ހައުސްއާއި އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖަންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ގެ އެހީތެރިކަމާއިއެކު މިމަހު 8 ން 14 އަށް ކުރިއަށް ގެންދާ ޑިމޮކްރަސީ ކޭމްޕް 2014ގެ ބައިވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

މިކޭމްޕުގެ 39 ބައިވެރިންނާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި، މެންބަރުންގެ ދައުރާއި މަސްޢޫލިއްޔަތާއި ރައްޔިތުންނާއި މަޖިލީހާއި ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މިޒޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުންގެ ބައިވެރިވަޑައިގެންނެވިއެވެ. އަދި ކޭމްޕްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މަޖިލީހުގެ ނާއިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލޭ ދާއިރާގެ މެންބަރު އަލްފާޟިލް އަހްމަދު ނިހާން ހުސައިން މަނިކެވެ. މީގެ އިތުރުން، ޕާލިމެންޓަރީ ގްރޫޕްތަކުގެ އިސްވެރިންގެ ތެރެއިން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ބައިވެރިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމަށް ފަހު، ބައިވެރިން މަޖިލިސްކުރާ މާލަމާއި، އިދާރާގެ އެކިއެކި ތަންތަން ބައްލަވާލެއްވިއެވެ.

11 ޖުލައި 2014