މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ގޮތުން ހޮއްވެވި ވަގުތީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ގޮތުން ހޮއްވެވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފިއެވެ.

އެގޮތުން މުޤައްރިރުގެ މަޤާމަށް ކޮމިޓީއަށް ވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާޤުން ހޮވިވަޑައިގަތީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. އަދި ނައިބު މުޤައްރިރުގެ މަޤާމަށް ކޮމިޓީގެ އިއްތިފާޤުން ހޮވިވަޑައިގެންނެވީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވީ ކޮމިޓީ ހިންގުމުގެ ޤަވައިދު ފާސްކުރެއްވުމަށް ފަހުގައެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ކުރިން، ޕާޓީތަކަށް އައިސްފައިވާ ބަދަލުތައް މިއަދު 16:00 ގެ ކުރިން އެންގެވުމަށް އެދި ޕާޓީތަކަށް ކޮމިޓީގެ ފަރާތުން ސިޓީއެއް ފޮނުއްވުމަށް ނިންމެވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޮއްވެވި މި ވަގުތީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ.