ނުކުޅަދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ނުކުޅަދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ބިލަށް މަޖިލީހުން ގެންނެވި 3 އިސްލާޙަކާއެކު އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ބިލު ފާސްކުރައްވައިފިއެވެ. މިއަދު ފާސްކުރެވުނު ބިލުގެ ތަޢާރަފްގައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ17 ވަނަ މާއްދާ އާއި 35 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެމަތިން އެންމެހާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެންމީހުންނާ ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ބިލެއްކަމުގައެވެ.

މިއަދުގެ ޖަލްސާއަށް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް) އަށް…ވަނަ އިސްލާޙު ގެނައުމުގެ ބިލުވަނީ ހުށަހަޅުއްވާފައެވެ. މިބިލު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙާމިދު ޢަބްދުލްޣަފޫރެވެ. މިއަދުގެ ޖަލްސާއަށް މިބިލު ހުށަހަޅުއްވުމަށްފަހު ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަން އެދިވަޑައިގެންނެވި މެންބަރުންނަށް ފުރުޞަތު އެރުވުމަށްފަހު މިބިލަށް ވޯޓަށް އެހުމުން އެބިލު މަޖިލީހުން ކުރިއަށް ގެންދިޔުމަށް ފާސްނުވެ، މަޖިލީހުގެ ޤަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ދަށުން ބިލު ވަނީ ބާޠިލުވެފައެވެ.

ޤައުމީ ސިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލު މަޖިލީހުން ބަލައިގަނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެބިލު މަޖިލީހުން ބަލައިގަތުމަށްވަނީ ފާސްކުރައްވައިފައެވެ. އަދި ބިލު އިތުރަށް ދިރާސާކުރުމަށް މިހާރުވަނީ 11 މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ، ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވަނިކޮށެވެ.

72 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.