ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެކުލަވާލައްވަން 5 މެންބަރުންގެ ކޮމިޓީއެއް ނަންގަވައި، ގަވާއިދު އެކުލަވާލައްވަންދެން 2 މާރިޗު 2010 ގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވާފައިވާ ގަވާއިދަށް ޢަމަލުކުރައްވަން ނިންމަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެކުލަވާލަައްވަން 5 މެންބަރުންގެ ކޮމިޓީއެއް ނަންގަވައި، ގަވާއިދު އެކުލަވާލައްވަންދެން 2 މާރިޗު 2010 ގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވާފައިވާ ގަވާއިދަށް ޢަމަލުކުރައްވަން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ރިޔާސަތުން ހުށަހެޅުއްވި މި ހުށަހެޅުން ފާސްކުރައްވާފައިވަނީ 72 މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުން އެކުލަވާލެއްވި މި 5 މެންބަރުންގެ ކޮމިޓީގައި ތިއްބަވަނީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އެވެ. މި 5 މެންބަރުންގެ ކޮމިޓީ ފާސްކުރައްވާފައިވަނީ 65 މެންބަރުންގެ އިއްތިފާޤުންނެވެ.

04 ޝަޢުބާން 1435

2 ޖޫން 2014