ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އާ މިއަދު ބައްދަލުކުރައްވައިފި

dsc_2477_0

 

 

 

 

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު އާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވުނު ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މި ދެބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާ ދެންނެވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ރައްޔިތުންގެ މަޖިލީހަށް ވަރަށް އުފެއްދުންތެރި އަހަރުތަކެއްކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ އެޖެެންޑާ ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ޤާނޫނުތައް، މަޖިލީހުގެ ފަރާތުން އެދެވިގެންވާ ހަލުވި މިނެއްގައި ކުރިއަށް ގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ވާހަކަފުޅުގައި، މިދައުރުގެ ރައްޔިތުންގެ މަޖިލީހަކީ ނަތީޖާ ނެރެވޭ، ސިޔާސީ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއި އެކު ހައްލުކުރެވޭ މަޖިލީހަކަށް ހެދުމަށާއި، ރައްޔިތުންގެ މަޖިލީހުގައި އެކުލެވޭ ހުރިހާ ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކުރެވިގެން ކަންކަން ނިންމޭ މަޖިލީހަކަށް ހެދުމަށް އަޒްމު ކަނޑައަޅުއްވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންގެ ވާހަކައިގައި، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގައި މަޝްވަރާގެ މުހިއްމުކަމުގެ މައްޗައްވެސް އަލިއަޅުއްވާލެއްވިއެވެ.

30 ޝަޢުބާން 1435

29 މެއި 2014