ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އިންތިޚާބު ކުރައްވައިފި

Moosa Manik

މިއަދު އޮތް 18 ވަނަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އިންތިޚާބު ކުރައްވައިފިިއެވެ.

މިގޮތުން ނާއިބު ރައީސްކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އިންތިޚާބު ކުރެއްވީ ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ ތެރެއިން، 42 މެންބަރުންގެ އަޣްލަބިއްޔަތުނެވެ. މިއިންތިޚާބަށް ހުށަހެޅުނު އަނެއް މެންބަރުކަމުގައިވާ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ލިބިވަޑައިގަތީ 41 މެންބަރުންގެ ވޯޓެވެ.

85 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ މެންބަރެއްގެ ހައިސިއްޔަތުން، ކަނޑިތީމު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިނެވެ.

މަޖިލީހުގެ ރާއިސް އާއި ނާއިބު ރައީސް އިންތިޚާބު ކުރެއްވުމުގެ ކަންތައްތައް ބަލަހައްޓަވާދެއްވީ މަޖިލީހުން އިންތިޚާބުކުރެއްވި 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މިކޮމިޓީގައި އިންނެވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

30 ޝަޢުބާން 1435

28 މެއި 2014