ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސް ޤާނޫނު) އަށް .. ވަނަ އިޞްލާޙުގެނައުމުގެ ބިލު ކޮމެޓީން މަޖިލީހަށް ހުށަހެޅުއްވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސް ޤާނޫނު) އަށް .. ވަނަ އިޞްލާޙުގެނައުމުގެ ބިލަށް 4 އިސްލާޙެއް ހުށަހެޅި ތާއިދު ލިބުނު ނަމަވެސް އޭގެން އެއްވެސް އިސްލާޙެއް ފާސްނުވެ، ކޮމިޓީން މަޖިލީހަށް ބިލު ހުށަހެޅުއްވި ގޮތަށް ބިލު ވަނީ ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާއަށް އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ވަނީ ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅުއްވައިފައެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޢިއްޒަތްތެރި މެންބަރު ވިދާޅުވީ، އިސްލާމީ ފިޤުހުގެ މިޤާޢިދާގެ ދަށުން ޚިޔާލުތަފާތުވާ ކަންތައްތަކުގެ ސަބަބުން ޤައުމުގައި އުފެދޭ ބައިބައިވުންތަކާއި ހަމަނުޖެހުންތައް ނައްތާލައި އެކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ޙައްލު ގެނައުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމަކަށް ވާހިނދު، އަދި މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނު ނަމްބަރު 94/6 (ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ވަނީ ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް ނުކުޅެދިފައިކަމަށް ފެންނާތީ އެޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި މަޖިލިހަށް ހުށަހެޅުއްވި ބިލެއްކަމުގައެވެ. އަދި މިބިލުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ވަނީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުވެސް މިއަދު ޖަލްސާއަށް ހުށަހަޅުއްވައިފައެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި ޣައިރު ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ބިނާކުރުމާއި ރާއްޖޭގައި ބަނގުރާ ޢާންމުކުރުމާ ދެކޮޅަށް ނުވަތަ މިފަދަ މޭރުމަކުން، ދިވެހިރާއްޖޭގެ ފިޤުހު އެކެޑެމީއިން އެއްވެސް އިރެއްގައި ޤަރާރެއް ފާސްކުރެއްވިތޯ؟ ފާސްކުރެއްވި ނަމަ އެ ޤަރާރު ޢާންމު ނުކުރައްވާ ސިއްރުކުރެވިފައިވަނީ ކީއްވެތޯ؟ ސާފުކުރެއްވުމުގެ ގޮތުން މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާވަނީ ސުވާލުކުރައްވައިފައެވެ.

ޤައުމީ ސިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލުގެ އިބްތިދާއީ ބަހުސް ނިމުމާއެކު، މިއަދުގެ ޖަލުސާގެ ވަގުތު ހަމަވެގެން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

72 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމުއެވެ.