ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު އިންތިޚާބު ކުރައްވައިފި

Speaker

 

 

 

 

 

 

 

މިއަދު އޮތް 18 ވަނަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު އިންތިޚާބު ކުރައްވައިފިިއެވެ.

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމަށްޓަކައި ސިއްރު ވޯޓު ނެންގެވުމެވެ. މިގޮތުން ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ ތެރެއިން، 43 މެންބަރުންގެ އަޣްލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު އެވެ. މިއިންތިޚާބަށް ހުށަހެޅުނު އަނެއް މެންބަރުކަމުގައިވާ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ލިބިވަޑައިގަތީ 39 މެންބަރުންގެ ވޯޓެވެ.

85 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ މެންބަރެއްގެ ހައިސިއްޔަތުން، ކަނޑިތީމު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިނެވެ.

މަޖިލީހުގެ ރާއިސް އާއި ނާއިބު ރައީސް އިންތިޚާބު ކުރެއްވުމުގެ ކަންތައްތައް ބަލަހައްޓަވާދެއްވީ މަޖިލީހުން އިންތިޚާބުކުރެއްވި 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މިކޮމިޓީގައި އިންނެވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

30 ޝަޢުބާން 1435

28 މެއި 2014