18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވިފައިވާ މެންބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދަވައިފި

DSC_5985

18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުކުރެވިފައިވާ މެންބަރުން މަޖިލީހުގެ މަސައްކަތްތަކަށް ހޭލުންތެރިކުރެއްވުމަށްޓަކައި، ޔޫ.އެން.ޑީ.ޕީ އާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކުރެއްވި އެއް ދުވަހުގެ ވަރކްޝޮޕް މިއަދު ޓްރޭޑާސް ހޮޓެލްގައި ކުރިއަށްގެންދަވައިފިއެވެ.

22 މެއި 2014 ގައި  ބޭއްވުނު ޢާއްމު އިންތިޚާބުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް 85 މެންބަރުން އިންތިޚާބުކުރެވިފައިވާއިރު މީގެ ތެރެއިން 55 މެންބަރުންނަކީ ފުރަތަމަ ފަހަރަށް މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންނެވެ. އެހެންކަމުން، މިވަރކްޝޮޕް އަމާޒުކުރެވިފައިވަނީ ޑިމޮކްރަސީގެ ނިޒާމަށް ހޭލުންތެރިކުރުވާ ބައިނަލްއަޤްވާމީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މަސައްކަތްތަކާއި، ތަޖުރިބާތަށް މެންބަރުންނާއި ޚިއްސާކުރުމަށެވެ.

މިވަރކްޝޮޕް ގައި މަޢުލޫމާތު ދެއްވާފައިވާ ޑރ. ޖޯން ޕެޓަރސަން އަކީ ބައިނަލްއަޤްވާމީ ޤާނޫނުހަދާ މަޖިލިސްތަކުގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޑރ. ޕެޓަރސަންއަކީ ސޮލަމަން އައިލެންޑްސް އާއި އަފްގާނިސްތާނުގެ ރައްޔިތުންގެ މަޖިލީހުގައި މިފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮތް މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވީ، 2008 ވަނަ އަހަރު ތަސްދީޤް ކުރެވުނު އައު ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މުއައްސަސާއެއްކަމާއި، މަޖިލީހުގެ މަސައްކަތް ހަރުދަނާކުރެވި، ރައްޔިތުންނަށް ޚިދުމަތްތެރި ތަނަކަށްވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެން ދިއުމަށް ލިބޭ އިތުރު ފުރުސަތެއްކަމަށެވެ. އެމަނިކުފާނުގެ ވާހަކަ ނިންމަވާލައްވަމުން 18 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ މަސައްކަތުން ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމަށް އައު ހިތްވަރެއްލައި، ސާބިތުވެ މަސައްކަތް ކުރައްވަންވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް، އަޒޫސާ ކުބޯޓާގެ ވާހަކަފުޅުގައި އަލަށް އަންތިޚާބުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުޚާތަބުކުރައްވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ، ދިވެހި ރައްޔިތުން މި ރާއްޖޭގައި ޑެމޮކްރަސީގެ އުސޫލުތައް ބަލައިގަނެ ކުރިއެރުވުމަށް މިއަދާއި ހަމައަށް ކުރަމުންއައި މަސައްކަތް ރަމްޒުކޮށްދޭ ފަރާތްތައް ކަމުގައެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގައި މެންބަރުންނަކީ އެމަޖިލީހުގައި ހެދޭ ކޮންމެ ޤާނޫނަކުން ރައްޔިތުންނަށް، ދުޅަހެޔޮ ދިރިއުޅުމެއް ލިއްބައިދިނުމުގައި ވަރަށް ޒިންމާދާރު ބައަކަށް ވާންޖެހޭނެ ކަމަށާއި، ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ހަދައިދިނުމަށް މަޖިލީހުގެ މެންބަރުން މަސައްކަތްކުރަން ޖެހޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.  އެކަމަނާގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރުމުގައި މެންބަރުންނަށް ތަމްރީނު ކުރުމުގެ ފުރުސަތު، ޔޫ.އެން.ޑީ.ޕީއަށް ދެއްވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިމަސައްކަތުގެ އިތުރުން ޔޫ.އެން.ޑީ.ޕީގެ ފަރާތުން މަޖިލީހުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިހަފްތާގެ ތެރޭގައި ވަނީ ކުރިއަށްގެންދަވާފައެވެ. މިވަރކްޝޮޕްގައި، މަޖިލީހުގެ އިސްމުވައްޒަފުންނާއި އެކު ޖުމްލަ 20 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ޔޫ.އެން.ޑީ.ޕީގެ ފަރާތުން ހިންގާ އިންޓަގްރޭޓަޑް ގަވަރނަންސް ޕްރޮގްރާމް ގެ ދަށުން، މި ރައްޔިތުންގެ މަޖިލީހަށް ހިންގާ ޕްރޮގްރާމް ހިންގުމުގެ މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަން މުއައްސަސާތައް ތަރައްޤީކޮށްގެން ޑިމޮކްރަސީ ހަރުދަނާކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.