18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި މެންބަރުންނަށް މަރްޙަބާ ދެންނެވުމަށާއި، 17 ވަނަ މަޖިލީހުގެ މެންބަރުންގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަރިއްކޮޅެއް ދެއްވައިފި

_CHR1878

18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި މެންބަރުންނަށް މަރްޙަބާ ދެންނެވުމަށާއި  17 ވަނަ މަޖިލީހުގެ މެންބަރުންގެ ޝަރަފުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާސިލް ޢަބްދުﷲ ޝާހިދު،  މިރޭ ފަރިއްކޮޅެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބޭއްވެވި މި ފަރިއްކޮޅުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، 2009ގައި އިންތިޚާބުވެވެޑައިގެން، ވޭތުވެދިޔަ ފަސްއަހަރު މަޖިލީހުގައި މަސައްކަތްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ އަގު ރައްޔިތުން ބަލައިގެންފައިވާކަން ފާހަގަކުރައްވާ، އެބޭފުޅުންގެ އިހްލާސްތެރި މަސައްކަތައް ޝުކުރުއަދާކުރެއްވިއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލައް އިންތިޚާބުވެވަޑައިގެންނެވި 55 މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެބޭފުޅުންގެ މަސައްކަތް މިހަފްތާ ތެރޭގައި ފެށިގެންދާނެކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އެބޭފުޅުންނަށް އަބަދުވެސް އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަށް އެބޭފުޅުންނަށް އެރުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުވަނީ، 1953 ން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް މަޖިލީހުގެ ތާރީޚް ދިރާސާކުރައްވާ، މަޖިލީހުގެ އިދާރާއިން ތައްޔާރުކުރައްވާފައިވާ ފޮތެއް ނެރުއްވާފައެވެ. މިފޮތަކީ، މަޖިލީހުގެ ތާރީޚާއި ބެހޭ ގޮތުން، ދިރާސާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕާލިމެންޓަރީ އެޑިއުކޭޝަން ސާވިސްގެ ފަރާތުން ލިޔުއްވާފައިވާ ފުރަތަމަ ފޮތެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަހްމަދު ނާޒިމްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު މެންބަރު، އަލްމަރްހޫމް އަހްމަދު އަފްރާޝީމްގެ ހަނދާން އައުކުރައްވާ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިމާވެފައިވާ ނުރައްކަލާއި ގުޅޭ ގޮތުން، އަލިއަޅުއްވާލައްވާ، އަލައް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް، ހިތްވަރުދިނުމުގެ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި  މީޑިއާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.