17 ވަނަ ރައްޔިތުންގެ މަޖިލީސް ކަވަރު ކުރުމުގައި މީޑިޔާގެ ފަރާތްތަކުން ކުރެއްވި މަސައްކަތަށް މަޖިލީހުގެ ރައީސް ޝުކުރުއަދާކުރައްވައިފި

_CHR1292

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޚަބަރުތައް އާންމުންނަށް ފޯރުކޮށްދީ، މަޖިލީހުގެ މަސައްކަތްތައް ކަވަރުކުރުމުގައި މީޑިޔާގެ  ހުރިހާ ފަރާތްތަކުން ދިން ޝަޢުޤުވެރިކަމަށާއި ކުރެއްވި އިޙުލާސްތެރި މަސައްކަތަށް މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޝުކުރުއަދާކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމް.އެމް.ސީ) އާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.ބީ.ސީ) ގެ އިސް ބޭފުޅުންނާ ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމުން މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް ޙާއްސަ ގެލަރީއެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި މި އިންތިޒާމް ހަމަޖެހުމުން، އެންމެ ފަހުގެ ވަސީލަތްތަކުގެ އެހީގައި މަޖިލީހުގެ އިދާރާގައި ތިބެގެން ނޫސްވެރިންނަށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މީޑިޔާ ކައުސިލްއިން ބައިވެރިވެވަޑައިގެންނެވީ އެ އިދާރާގެ ނާއިބު ރައީސް އަލްފާޟިލް ޢަލީ ރަޝީދުއެވެ. އަދި ބްރޯޑްކާސްޓިންގް ކޮމިޝަންއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނަރ އަލްފާޟިލާ މަރިޔަމް ޝަޢުޤީ އާއި ކޮމިޝަނަރ އަލްފާޟިލާ މޫމިނާ އާދަމްއެވެ.