މި މަހު 19 ވަނަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައިރާއްޖެ ހިމެނޭ ގްރޫޕުގައި ތުރުކުމެނިސްތާނާއި ފިލިޕީންސް ކުޅޭ މެޗުގެ ޝަރަފްވެރި މެހެމާނަކަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރަސްމީކޮށް އެ މެޗަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަޢުވަތު އަރުވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީސްކުރާގޭގައި އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސަށް ދަޢުވަތާއި ޖާޒީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަދި މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު އެވެ. މިރަސްމިއްޔާތުގައި، އެފްއޭއެމްގެ ނާއިބު ރައީސް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙްސިން ހަމީދު އަދި ޤައުމީ ޓީމުގެ މެނޭޖަރ އަދި ގަލޮޅު ދެކުނު ދާއިރާ މެންބަރު އަޙްމަދު މަހްލޫފް އާއި އެފްއޭއެމްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިމުބާރާތަށް އެފްއޭއެމް އިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި އެފްއޭއެމްއިން އިންތިޒާމްތައް ކުރިއަށްގެންދަނީ ވަރަށް ފުރިހަމައަށްކަމަށެވެ. މީގެއިތުރުން އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ޤައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިއަކީ ކޮންމެ ދިވެހި ރައްޔިތެއްކަމަށާއި ދިވެހިންގެ އުއްމީދު ޤައުމީ ޓީމާއި އެކުގައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިދަޢުވަތު ޤަބޫލުކުރެއްވިކަމަށްޓަކައި މަޖިލީހުގެ ރާއިސަށް އެފްއޭއެމް ގެ ރައީސް އިލްހާމް އަހްމަދު ޝުކުރު އަދާކުރައްވާ، މިމުބާރާތުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި ހިތްވަރު، ޤައުމީ ޓީމަށް މުހިއްމުކަމުގައި ފާހަގަކުރެއްވިއެވެ.
11 މެއި 2014