ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_CHR5277  ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/71) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 32 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު މަޖިލީހަށް ހުށަހެޅިފައިވަނީ 24 ޑިސެމްބަރު 2013 ގައެވެ. އަދި ކޮމިޓީގެ މަރުހަލާނިމި، މިބިލުގެ ރިޕޯޓް ހުށަހެޅިފައިވަނީ 14 އޭޕްރީލް 2014 ގައެވެ. މިބިލުގެ ބަހުސްގެ މަރުހަލާގައި 13 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

27 އޭޕްރީލް 2014