ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު (ޤާނޫނު ނަންބަރު 2002/1) ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.
މިބިލު ފާސްކުރައްވާފައިވަނީ 43 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ މިރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙަމްދޫން ޢަބްދުﷲ ޙަމީދު އެވެ. މި ބިލަކީ 15 ޖުލައި 2013 ގައި މަޖިލީހަށް ހުށަހެޅިފައިވާ ބިލެކެވެ.