ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 39 މެންބަރުންނެވެ. އަދި 1 މެންބަރަކު މިބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މިބިލަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛު މުޙަންމަދު ނަޝީދު ހުށަހެޅުއްވި ބިލެކެވެ. މިބިލު 30 އޭޕްރީލް 2013 ގައި މަޖިލީހުން ފާސްކުރައްވާފައިވަނިކޮށް އަލުން ވިސްނެވުމަށް 14 މެއި 2013 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިލު މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފައެވެ.