ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް މ.ލިޔާގޭ އަލްއުސްތާޛާ އާމިނަތު ރުކްޝާނާ ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފި

_CHR5379 ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މ.ލިޔާގޭ އަލްއުސްތާޛާ އާމިނަތު ރުކްޝާނާ ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިނަންފުޅު ފާސްކުރައްވާފައިވަނީ 29 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނަންފުޅު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 20 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިނަންފުޅަށް މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި، ކޮމިޓީގެ މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.