ބޭންކް އޮފް މޯލްޑިވްސް އިން ސްޓެލްކޯ އަށް ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީގެ މުއްދަތު 31 މާރިޗު 2015 ގެ ނިޔަލަށް އިތުރުކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލައިގެ ސިޓީފުޅު އިއްވަވައިފި

_CHR5255 ބޭންކް އޮފް މޯލްޑިވްސް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް 1 ސެޕްޓެމްބަރު 2009 ގައި ދައުލަތުންދީފައިވާ ނަންބަރު ގެރެންޓީގެ މުއްދަތު 31 މާރިޗު 2015 ގެ ނިޔަލަށް އިތުރުކުރެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުށަހެޅުއްވި މައްސަލައިގެ ސިޓީފުޅު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

މިމައްސަލަ ރިޔާސަތުން މަޖިލީހަށް އިއްވަވާދެއްވުމާއި ގުޅިގެން ދިރާސާކުރެއްވުމަށް ވަނީ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެމަތީން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގެ ރިޔާޞަތު ބަލަހައްޓަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

27 އޭޕްރީލް 2014